އަލްފާޟިލާ ޔުމްނާ މައުމޫން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ކަމުގެ ހުވާ ކުރެއްވީ 17 ނޮވެންބަރ 2018 ގައި އޮނަރަބަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސުލްޖުމްހޫރިއްޔާ ކަމާއި ޙަވާލުވެވަޑައިގަތުމުންނެވެ.

އަލްފާޟިލާ ޔުމްނާ މައުމޫން އަކީ މޯލްޑިވްސް ރީފޯމް މޫވްމަންޓްގެ މެންބަރެކެވެ. މޯލްޑިވްސް ރީފޯމް މޫވްމަންޓް އަކީ ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށާއި، ސިޔާސީ އަދި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރުމަށްޓަކައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް އެކުލަވާލެއްވި ހަރަކާތެކެވެ. އެ ކަމަނާ އަކީ ގުޅިފައިވާ އިއްތިހާދުގެ ހިންގާ ކޮމިޓީގެ މެންބަރެއްވެސް މެއެވެ.

އަލްފާޟިލާ ޔުމްނާ މައުމޫން ވަނީ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، އެންމެ ފަހުން އެކަމަނާ އަދާކުރެއްވި މަޤާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނައިބު ކަމުގެ މަޤާމެވެ. މި މަޤާމުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އަދި ދިވެހިބަހުގެ އެކެޑަމީގެ އެންމެ އިސް ވެރިޔާގެ މަސްޢޫލިއްޔަތު ހިމެނެއެވެ. އެގޮތުން، އެ ކަމަނާވަނީ ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢު ހިންގަވާ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ފަންނީ މުވައްޒަފުންނަށް ކަންކުރަންވީ ގޮތުގެ ލަފާދެއްވާ، ޤަޢުމީ ދާރުލްއާސާރު ކުރިއަރުވައި ދިވެހިބަހަށް ރައްޔިތުންގެ ލޯބިއިތުރުކޮށް އާންމުން ހޭލުންތެރިކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަލްފާޟިލާ ޔުމްނާ މައުމޫން ވަނީ ތަރިކަ ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށްޓަކައި ޓްރަސްޓް ފަންޑް ކޮމިޓީ އަލުން އެކުލަވާލައްވާ، ތަރިކަ ބިލްގެ ދެލިކޮޕީ ތައްޔާރުކުރައްވާ، ދިވެހިރާއްޖޭގެ ތަރިކައިގެ ވަގުތީ ލިސްޓެއް އާންމުކުރައްވާ ގެޒެޓް ކުރައްވާފައެވެ. އެ ކަމަނާ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނާއިބު ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ މާލޭގައި ހުރި 200 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް މިސްކިތެއްކަމުގައިވާ ކަޅުވަކަރު މިސްކިތް ރޫޅާލައިގެން މާލެއިން ބޭރަށް ގެންދިއުމަށް އޭރުގެ ސަރުކާރުން ނިންމުމާއިގުޅިގެންނެވެ.

މީގެއިތުރުން، 2007 ން 2008 އަށް އެ ކަމަނާ ވަނީ ދިވެހިބަހުގެ ޑިޕާޓްމަންޓް އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤަޢުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް ކަންވެސް ކުރައްވާފައެވެ. ދިވެހިބަސް ކުރިއެރުވުމަށް އެ ކަމަނާ ކުރައްވާފައިވާ ޚިދުމަތްތަކުގެ ތެރޭގައި މަޤުބޫލު ލޯބީގެ ރައިވަރު ކަމަށްވާ ބުރުނީ ކަމަނާ ރައިވަރުގެ ފޮތާއި އޯޑިއޯ ސީ.ޑީ ތައްޔާރުކުރައްވާ، ‘އަ ޖެނެރަލް އޮވަރވިއު އޮފް ދަ ދިވެހި ލެންގުއޭޖް’ ކިޔާ ފޮތެއް ވެސް ވަނީ ނެރުއްވާފައެވެ. އަލްފާޟިލާ ޔުމްނާ މައުމޫން ވަނީ ދިވެހިރާއްޖޭގެ ސަޤާފީ ތަރިކަ އާއި ގުޅޭ މި ސަރަޙައްދުގެ ސެމިނަރ އަދި ބައްދަލުވުންތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާފައެވެ. އެގޮތުން، ސަޤާފީ ތަރިކަ ހިމާޔަތްކުރުމަށް ވަކާލަތުކުރަމަށްޓަކައި އެ ކަމަނާ އުފައްދަވާފައިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ‘ތަރިކަ’ ޖަމިއްޔާގެ ފަރާތުން ވަނީ މި ސަރަޙައްދުގައި ބޭއްވުނު ދިވެހިރާއްޖޭގެ މައުނަވީ ތަރިކަ ރައްކާތެރިކުރުމުގެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އެ ކަމަނާއަކީ ސަޤާފީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާ ދާއިރާދެކެ ލޯބިވާ ބޭފުޅެކެވެ.

އަލްފާޟިލާ ޔުމްނާ މައުމޫން ވަނީ 1993 ގައި އޮކްސްފޯޑް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން އޮރިއެންޓަލް ސްޓަޑީޒް (އަރަބިކް އެންޑް ޕަރޝިއަން) ފުރިހަމަކުރައްވާ، 1994 ގައި ޔުނިވަރިސޓީ އޮފް ލަންޑަން އިން މަސްޓަރ އޮފް އާޓްސް އިން އިންގްލިޝް-އަރަބިކް އެޕްލައިޑް ލިންގުއިސްޓިކް އެންޑް ޓްރާންސްލޭޝަން އޮފް އޮރިއެންޓަލް ސްޓަޑީޒް ކޯސް ފުރިހަމަކުރައްވާފައެވެ.

އަލްފާޟިލާ ޔުމްނާ އުފަންވެވަޑައިގެންފައިވަނީ 1970 ގައެވެ.