ތަޢާރަފް

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި 2018  ވަނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު

ސަރުކާރުން  މި މިނިސްޓްރީ އުފައްދަވައި ، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ގޮތުގައި : ދިވެހިބަހުގެ އެކަޑަމީ އާއި ، ޤައުމީ އަރުޝީފާއި، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ) މިހާރުގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ( އާއި،  ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން އާއި ، ނެޝަނަލް ސެންޓަރ ފޯރ ދި އާޓްސް  އާއި ، ޤައުމީ ކުތުބުޚާނާ ހަމަޖެއްސެވިއެވެ.

2019 ވަނަ އަހަރު މިނިސްޓްރީގެ ދާއިރާގައި ހިމެނޭ އިދާރާތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި

ގޮތުން    2019ވަނަ އަހަރު މި މިނިސްޓްރީގެ ދާއިރާގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރު ކުރުމާއި،  ރައީސުލްޖުމްހޫރިއްޔާގެ  100 ދުވަހުގެ ވައުދާ ގުޅިގެން ހިންގި ބޮޑެތި މަޝްރޫޢުތަކާއި، ދިވެހިބަސް ދިރުވައި އާލާކުރުމަށާއި، ކުރިއެރުވުމަށް އަތޮޅު  ފެންވަރުގައްޔާއި ރަށު ފެންވަރުގައި ކުރި މުހިންމު މަސައްކަތްތަކާއި، އަރުޝީފީގޮތުން ކުރި މަސައްކަތްތަކާއި، ސަގާފި ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތްތަކާއި، ކްލެސިފިކޭޝަންގެ ދާއިރާއިން ކުރި މަސައްކަތްތަކާއި، ފަންނުވެރިންގެ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ކުރެވުނު މަސައްކަތްތަކާއި،  ނެޝަނަލް ލައިބްރަރީގެ ދާއިރާއިން ކުރި މަސައްކަތްތަކާއި، މިކަންކަން

ތަރައްޤީކޮށް ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.

ވިޝަން

ފަންނުވެރިކަން ކުރިއަރުވައި، ސަގާފީ ތަރިކަ ހިމާޔަތްކޮށް ތަރައްގީކޮށް މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނެވިގޮތެއްގައި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން

މިޝަން

ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ފަންނުވެރިކަން ކުރިއަރުވައި،  ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ބެލެހެއްޓުން

މެންޑޭޓް

• ދިވެހިބަހާއި އަދަބާއި، ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާތަކާއި ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން.

• ދިވެހިބަހާއި އަދަބާއި، ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާތަކާއި ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް

ދެމެހެއްޓުމާގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހަދައި ހިންގުން.

• ދިވެހިރާއްޖޭގެ މާނަވީ ތަރިކައާއި މާއްދީ ތަރިކަ ހިމާޔަތްކޮށް ދިރުވައި ދެމެހެއްޓުމުގެ ސިޔާސަތުތަކާއި މިންގަނޑުތައް

ކަނޑައަޅައި ހިންގުން.

• ދިވެހިބަހާއި އަދަބާއި، ތާރީޚާއި، ސަޤާފީ ތަރިކައާއި، އާދަކާދައާއި ފަންނުވެރިކަން ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ ފުރުސަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނޭ މަގުތައް ފަހިކޮށްދިނުން.

• ދިވެހިބަހާއި އަދަބާއި ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާދަތަކާއި ފަންނުވެރިކަމާއި ފޮތްތެރިކަމުގެ ޢިލްމު ފެތުރުން.

• ޢިލްމީ ގޮތުން ހޭލުންތެރި ފޮތްތެރި މުޖުތަމަޢެއް ބިނާކުރުން.

• ދިވެހިބަހާއި އަދަބާއި، ދިވެހި ފަންނުވެރިކަމާއި، މުނިފޫހިފިލުވުމުގެ ދާއިރާ ތަރައްޤީކުރުން.

• ދިވެހިބަހާއި، އަދަބާއި، ތާރީޚާ ސަޤާފީ ތަރިކައާއި، އާދަކާދައައި ފަންނުވެރިކަން ފަދަ ދާއިރާއިން އެކި ފަރާތްތަކުން އުފައްދާ ފިކުރީ އުފެއްދުންތަކާއި ފަންނުވެރި އުފެއްދުންތައް އާންމުކުރުމުގެ ކުރިން ގިންތިކޮށް ތަސްނީފުކުރުމުގެ މިންގަނޑުތައް އެކުލަވައި ތަންފީޒުކުރުން.

• ރާއްޖެއަށް އެތެރެކުރުން މަނާ ފިކުރީ އުފެއްދުންތަކާއި ފަންނުވެރި އުފެއްދުންތައް ކަނޑައެޅުމުގެ މިންގަނޑުތައް
އެކުލަވައި ތަންފީޒުކުރާނޭ އޮނިގަނޑެއް ގާއިމުކުރުން.

• ދިވެހިބަހާއި ތާރީޚާއި ސަޤާފީ ތަރިކައާއި އާދަކާދަތަކާއި ފަންނުތަކާއި ފަންނީ ޢިލްމީ އުފެއްދުންތަކާއި މަސައްކަތްތެރިކަން ތަރައްގީކޮށް ކުރިއެރުވުމުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން މާލީ އެހީއާއި ފަންނީ އެހީ ހޯދުން.

• މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި، ރާއްޖެއާއި، ރާއްޖޭން ބޭރުގެ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

• ރާއްޖެއިން ބޭރުގައި އޮންނަ ބައްދަލުވުންތަކާއި، އެއްވުންތަކާއި، ޖަލްސާތަކުގައި ރާއްޖޭގެ ފަރާތުން ދައުލަތުގެ އިސްވެރިން ދިވެހިބަހުން ނޫން ބަހަކުން ދޭ ތަޤުރީރުތަކުގެ ތެރެއިން ދިވެހީންގެ ޢާންމު މަޞްލަޙަތާގުޅޭ ތަޤުރީރުތައް، ދިވެހިބަހުން ތަރުޖަމާކޮށް، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައި ނުވަތަ ޤައުމީ ކުތުބާޚާނާގައި ރައްކާކުރުމަށްޓަކައި އެތަނަކާ ޙަވާލުކުރުން.

• ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ތާރީޚަށްޓަކައި ލިޔެބަލަހައްޓަންޖެހޭ ކަންތައްތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

• މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީ ގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.

އިދާރީ އޮނިގަނޑު

އަހަރު ތެރޭގައި ކުރިއަށް ގެންދެވުނު މައިގަނޑު މަސައްކަތްތައް

  • ސަގާފީ ތަރިކަ ހިމާޔަތްކޮށް ދިރުވައި އާލާކުރުމުގެ މަސައްކަތުގެ ތެރެއިން 71 އާސާރީ ތަނެއްގެ ހާލަތު ދެނެގަނެވުނެވެ.
  • މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުމަށްޓަކައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެ އެއްބަސްވުމުގެ ދަށުން މުންނާރުގެ މަރާމާތު ކުރުމުގެ މަސައްކަތް ފެށުނެވެ.
  • އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އާޓްސް، ކައުންސިލްސް އެންޑް ކަލްޗަރ އެޖެންސީސް (އިފާކާ)ގެ މެންބަރޝިޕްކަން ރާއްޖެއަށް ލިބުނެވެ.
  • ސަގާފީ ތަރިކަ ގިންތިކޮށް، ސަގާފީ ތަރިކައިގެ ދަފްތަރެއް އެކުލަވާލައި، އަދާހަމަކޮށް ބެލެހެއްޓުނެވެ.
  • އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސްޓަޑީޒް އާ ގުޅިގެން ހަތަރު އަތޮޅެއްގައި ހެރިޓޭޖް ސާވޭކޮށް ނިންމާލެވުނެވެ. މީގެތެރޭގައި 108 ރަށް، 207 ސައިޓް، 990 ސްޓްރަކްޗަރ، 6274 މަހާނަގާ، 152 ތަކެތި އަދި 70 3ޑީ މޮޑެލް ހިމެނެއެވެ.
  • މުޅި ދާއިރާގެ ކަންކަމާއި ގުޅޭގޮތުން ކައުންސިލްތަކާ ބައްދަލުކޮށް މަޝްވަރާކުރެވުނެވެ.
    • 182 ރަށު ކައުންސިލްގެ ތެރެއިން 38 ކައުންސިލާ ބައްދަލުކުރުން
    • 18 އަތޮޅު ކައުންސިލްގެ ތެރެއިން 5 ކައުންސިލާ ބައްދަލުކުރުން
    • 3 ސިޓީ ކައުންސިލްގެ ތެރެއިން 1 ކައުންސިލާ ބައްދަލުކުރުން
  • ތާރީޚަށް އަހުލުވެރިކުރުމާ ހޭލުންތެރިކުރުމުގެ ގޮތުން 10 ރަށަކާއި، މާލޭގެ 3 ސްކޫލެއްގައި ޖުމުލަ 14 ސެޝަން ބޭއްވުނެވެ.
  • ޒަމާނީ އައު ވަސީލަތްތައް އިތުރުކޮށް އައު ޚިދުމަތްތަކާއެކު ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އަލުން ހުޅުވުނެވެ.
  • ޖަރުމަނުވިލާތުގެ މިއުނިކް ޔުނިވަރސިޓީގެ ދެކުނު އޭޝިޔާ ސަރަހައްދާބެހޭ ދިރާސާތަކަށް މަޝްހޫރު ސޯޝަލް އެންތުރޮޕޮލޮޖިސްޓެއް ކަމަށްވާ ޕްރޮފެސަރ ޑރ. ފްރޭންކް ހައިޑަމަންއާއެކު ދިވެހިރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ދަތުރުކޮށް ސޯޝަލް އެންތުރޮޕޮލޮޖީގެ ދާއިރާއިން ޚާއްޞަ ދިރާސާތަކެއް ކުރެވުނެވެ.
  • ކަޅުވަކަރު މިސްކިތާބެހޭ ޚާއްޞަ ތަފްސީލީ ފޮތެއް ޑްރާފްޓް ކުރެވުނެވެ.
  • ބައިނަލްއަޤުވާމީ ފެންވަރުގައި ހިންގުނު އެކްސްޗޭންޖް ޕްރޮގްރާމުތަކާއި ފެސްޓިވަލްތަކުން ފަންނުވެރިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ސާރކް އާޓިސްޓް ކޭމްޕެއް ރާއްޖޭގައި ބޭއްވުނެވެ.

މިނިސްޓްރީގެ ސެކްޝަންތަކާއި ޔުނިޓްތަކުގެ މަސައްކަތް


 

ކޯޕަރޭޓް ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ އޮފީހުގެ މެންޑޭޓްގައި ކަނޑައެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި  މަސައްކަތްތައް ރާވައި ހިންގުމާއި މާލީ ކަންކަމާއި، އިދާރީ ކަންކަމާއި، ޤާނޫނީ ކަންކަމާއި، ޕަބްލިކްރިލޭޝަންގެ ރޮނގުން ދާއިރާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.


 

މިނިސްޓްރީގެ އައި.ޓީ.ސީގެ މަސައްކަތަކީ މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ސޮފްޓްވެއަރތައް ހޯދައި ސިސްޓަމްތައް ޤާއިމްކޮށް ބަލަހައްޓައި މުވައްޒަފުން އަހުލުވެރިކުރުމާއި، މިނިސްޓްރީގެ ވެބްސައިޓް އުފައްދައި  ތަރައްޤީކޮށް، ހަރުދަނާކޮށް، ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި މަޢުލޫމާތު ހޯދުމާއި ޝަކުވާ އާއި އެހެނިހެން ހުށަހެޅުންތައް ބަލައިގަތުމަށް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އީ-ސަރވިސް ނިޒާމެއް ތަޢާރަފްކޮށް ބެލެހެއްޓުމެވެ.


 

ޕަބްލިކް ރިލޭޝަންސްގެ މަސައްކަތަކީ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި، މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާގެ ތަސައްވުރު ރަނގަޅުގޮތުގައި ދައްކައިދިނުމާއި، މި ދާއިރާއިން އިންތިޒާމުކުރާ ޕްރޮގްރާމްތަކާއި ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން މީޑިއާއަށް ފޮނުވަންޖެހޭ މައުލޫމާތު ހިއްސާކޮށް، އާންމުކުރުމާއި، މީޑިއާ އާއެކު ރަނގަޅު ގުޅުމެއް ގާއިމްކޮށް މިނިސްޓްރީގެ ދާއިރާގެ ހުރިހައި ކަމަކަށް މީޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދަން މަސައްކަތްކުރުމާއި، މިނިސްޓްރީގެ ވެބްސައިޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާ، ދާއިރާގެ މީސް މީޑިއާގެ ހުރިހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމެވެ.


 

މިނިސްޓްރީ އިން ކުރާ ޤާނޫނީ މަސައްކަތަކީ މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކަށް ބޭނުންވާ ގާނޫނުތައް ތައްޔާރުކުރުމާއި، ދާއިރާއާ ގުޅުންހުރި ގާނޫނުތަކަށް ގެންނަން ފެންނަ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޤާނޫނީ ލަފާ ދިނުމާއި ދާއިރާއާ ގުޅުންހުރި ގާނޫނުތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ގަވައިދާއި އުސޫލުތައް ތައްޔާރުކޮށް މުރާޖަޢާކޮށް ވިލަރެސްކޮށް ހަރުދަނާކޮށް ތަންފީޒުކުރާ މިންވަރު ބެލެހެއްޓުމެވެ. އަދި މީގެ އިތުރުން ދާއިރާގެ މަސައްކަތާގުޅޭ ގޮތުން ބަންޑާރަނާއިބުގެ އޮފީހާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ. 2019 ވަނަ އަހަރުގެ ފަހު ކްއާޓަރގައި ވަނީ މި މަސައްކަތްކުރުމަށްޓަކައި ލީގަލް އޮފިސަރުން ހޯދައިފައެވެ.


 

މި ސެކްޝަންގެ މަސައްކަތްތަކަކީ، މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ކަނޑައެޅުމާއި ތަމްރީނުތައް ހޯދައިދިނުމާއި މުސާރައާއި އިނާޔަތްތަކާއި، މިކަންކަމާ ގުޅިގެން ކުރަންޖެހޭ  އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމެވެ.

ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސާރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަމުގައި ތައްޔާރުކުރަންޖެހޭ އުޞޫލުތައް ތައްޔާރުކުރުމާއި، ދާއިރާގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ކޮމިޓީ (އެޗް.އާރް.އެމް.ޑީ) ގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި، މިނިސްޓްރީ އާއި މިނިސްޓްރީގެ ދާއިރާގެ އިދާރީ އޮނިގަނޑު މުރާޖަޢާކޮށް ދާއިރާއަށް ބޭނުންވާ ފަންނީ މަގާމުތައް ހިމެނޭގޮތަށް އޮނިގަނޑު އެކުލަވާލާ ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.


 

މި ސެކްޝަނުގެ މަސައްކަތްތައް ބަހާލާފައިވަނީ ދެ ޔުނިޓެއްގެ މައްޗަށެވެ. އެއީ އެޑްމިނިސްޓްރޭޝަން ޔުނިޓާއި ޕްރޮކިއުމަންޓް ޔުނިޓެވެ. މި ސެކްޝަންގެ މައިގަނޑު މަސައްކަތަކީ އޮފީހުގެ އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތާއި އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދައިދިނުމެވެ.

އެޑްމިނިސްޓްރޭޝަން ޔުނިޓް

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ،  ދާއިރާގެ ” ސްޓްރެޓެޖިކް އެކްޝަން ޕްލޭން”  ތައްޔާރުކޮށް އެކުލަވާލައި، ވިލަރެސްކުރުމާއި، މިނިސްޓްރީގެ ލިޔެކިޔުންތަކުގެ ރެކޯޑްސް ބެލެހެއްޓުމާއި، ކަމާބެހޭ ސެކްޝަންތަކާ ހަވާލު ކުރުމާއި، ލިޔެކިޔުންތައް މޮނިޓަރކުރުމާއި، އިންވެންޓްރީއާއި އޮފީހުގެ ހަރުމުދާ ބެލެހެއްޓުމާއި، ޔައުމިއްޔާއާ އަހަރީ ރިޕޯޓު ތައްޔާރު  ކުރުމާއި، އަހަރީ މަސައްކަތުގެ ތާވަލް ތައްޔާރުކުރުމާއި، މިނިސްޓްރީގެ ދަތުރުތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި މިނިސްޓަރސް ބިޔުރޯގެ އެންމެހައި މަސައްކަތްތައް ރާވައިހިންގައި ބެލެހެއްޓުމެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މި ޔުނިޓުގެ މައިގަނޑު މަސައްކަތްތަކަކީ،  މިނިސްޓްރީއަށް ބޭނުންވާ ޚިދުމަތާއި ތަކެތި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި، މިނިސްޓްރީގެ ޕްރޮކިއުމަންޓްގެ މަސައްކަތްތަކަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވާ ލަފަޔާއި އިރުޝާދުތަކާއި އެއްގޮތަށް ހަމަޖައްސައި ބެލެހެއްޓުމާއި، ދާއިރާގެ ބިޑް ކޮމިޓީގެ އެންމެހައި އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް ބެލެހެއްޓުމާއި، މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން، ރަސްމީ ބޭނުންތަކުގައި ރާއްޖޭއާ ރާއްޖޭން ބޭރަށް ކުރަންޖެހޭ އެންމެހައި ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ.


 

މި ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކަކީ އޮފީހުގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒުކުރުމާއި، އޮފީހުގެ ފަރާތުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، ފައިސާ ބަލައިގަތުމާއި އޮފީހަށް ލިބޭ އާމްދަނީއާއި ކުރެވޭ ޚަރަދުތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި އެންމެ ފައިދާ ހުރިގޮތަށް ބަޖެޓް ބޭނުންކުރަމުންދޭތޯ ބެލުމާއި، މާލީ ކަންކަމާ ގުޅޭ އިރުޝާދު ދިނުމާއި، މާލީ ބަޔާން ތައްޔާރުކުރުމާއި، ދާއިރާގެ ބަޖެޓާއި ޓްރަސްޓް ފަންޑުތަކާއި މިކަންކަމާ ގުޅިގެން މާލީ ވުޒާރާއާއެކު، ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމެވެ.