﷽

އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބްޙާނަޙޫ ވަތަޢާލާއަށް ޙަމްދައި ޝުކުރުކުރަމެވެ. ކައު އިތުރު މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަށް ސަލަވާތައި ސަލާމާއި ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ. މިދުޢާގައި އިތުރު މާތް ރަސޫލައިގެ އެންމެހައި އާލުއަސްހާބުން ޝާމިލްކުރަމެވެ.

  އާދެ! މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. އެހެންކަމުން މި އުފާވެރި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙަށައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. ޙާއްސަކޮށް ދިވެހިބަސް ރައްކާތެރިކޮށް ކުރިއަރުވާ މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނަށާއި ދިވެހިބަސް

ކިޔަވައިދެއްވާ ލޭފަވެތި މުދައްރިސުންނަށް ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަމެވެ.

މިއަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ދިވެހިބަހުގެ އެކަޑަމީން ކަނޑައަޅުއްވައިފައިވާ ވަނީ ” ފޮތްކިޔުމާއި

މުއާމަލާތު ކުރުން: އިސްކަން ދިވެހިބަހަށް ” އެވެ.

މިޝިޢާރު ބާރު އަޅަނީ ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ގިނައިން ލިޔުމަށާއި ދިވެހިބަހުން މުއާމަލާތު ކުރުމަށެވެ. ދިވެހިބަހުން މުއާމަލާތު ކުރެވެން އޮތް ހަމަ ކޮންމެ ހާލަތެއްގައި ދިވެހިބަހުން މުއާމަލާތު ކުރުމުގެ މައްޗަށެވެ. ދިވެހިބަހުން ދިވެހީން ކުރާ މުއާމަލާތް އިތުރު ކުރުމުގެ މައްޗަށެވެ.

އާދެ! މިއަހަރު ބަހުގެ ދުވަސް ދިމާމިވީ މުޅި ދުނިޔެއަށް އާލަމީ ވަބާއެއް ކުރިމަތި ވެފައިވާ މިދަނޑިވަޅުގައެވެ. ކޯވިޑް -19 އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ ބިރުވެރި ދުވަސްވަރާއެވެ.

މިފަދަ ކާރިސާއަކުން ވެސް ދައްކުވާދެނީ ދިވެހިބަހުގެ މުހިއްމު ކަމެވެ. މިބައްޔާ ބެހޭގޮތުން މަޢުލޫމާތު ފެތުރުމުގައި ވެސް ދިވެހި ބަހާއި ބަހުރުވަތައް ވަރަށް މުހިންމެވެ.  އެ ޤައުމެއްގެ ރައްޔިތަކަށް ފަސޭހައިން ވިސްނޭ ގޮތަކަށް މަޢުލޫމާތު ފެތުރުމުގައި އެ ބައެއްގެ މާދަރީ ބަހުން އެ މަޢުލޫމާތު ދިނުމެވެ. އަދި އެހިސާބެއްގައި ބޭނުން ކުރާ ބަހުރުވަންވެސް އެ މަޢުލޫމާތު ދިނުމެވެ. އެންމެން ގުޅައިދޭ ޤައުމީ ބަހެއް ލިބިފައިވުމީ އަޅުގަނޑުމެންގެ ނަސީބެވެ. ދިވެހި ބަހަކީ އަޅުގަނޑުމެން ދިވެހީންގެ އެއްބައިވަންތަކަމުގެ ވަރަށް މުހިންމު ބަހާ އެކެވެ. އެއްބައިވަންތަކަމުގެ މުހިންމުކަން މި އެނގެނީ މިފަދަ ނުރައްކާތެރި ވަބާތަކާއި ކާރިސާތައް ކުރިމަތިވާ ވަގުތުގައެވެ. ވީމާ އަޅުގަނޑުމެންގެ މި ދިވެހިބަހާއި އަޅުގަނޑުމެން ދިވެހީން އެއްބައިވަންތަ ކުރުވާ އެންމެހައި ރުކުންތައް ދަމަހައްޓާ އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަމާތޯއެވެ؟

ކޯވިޑް19 ގެ މިވަބާއިން ސަލާމަތް ވެ ތިބުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރު ވަނީ މިހާރު ހުއްޓާލާފައެވެ. ތަންތަން ވަނީ ބަންދުކޮށްފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިލްތިމާސް ކުރައްވައިފައި ވަނީ އެކަކު އަނެކަކަށް ޖިސްމާނީ ގައިދުރުކަން ބެހެއްޓުމަށެވެ. ގޭގައި މަޑުކުރުމަށެވެ.

މިގޮތަށް ގޭގައި މަޑުކުރައްވާއިރު މި ލިބޭ ވަގުތުތަކުގައި އާއިލާގެ މެންބަރުންނަށް ގުޅުއްވާ ހާލުބައްލަވާށެވެ. މިދުވަސްވަރަކީ ޢާއިލާގެ ދޮށީ އުމުރުގެ މެންބަރުން ވަރަށް ބޮޑަށް އެކަނިވެރިވާނެ ދުވަސްވަރެކެވެ. ވާހަކަދައްކާލާނެ މީހަކު ނެތިފައި ތިބޭ ދުވަސްވަރެކެވެ. ވީމާ ގޭގެޔަށް ޒިޔާރަތް ނުކުރެވެނު ކަމުގައިވީ ނަމަވެސް ފޯނުން ގުޅުއްވައިގެން ޢާއިލާ މެންބަރުންނާއި ރަޙްމަތްތެރިންގެ ހާލު ބައްލަވާށެވެ. ދަރިފުޅު ލައްވާ މާމައާއި ކާފަޔަށް ގުޅުއްވާށެވެ. ދިވެހި ބަހުން ދައްކާށެވެ. އަދި ދިވެހި ބަހުން ދައްކަން ދަރިފުޅަށް ހިތްވަރު ދެއްވާށެވެ. ޢާއިލީ ގުޅުންތައް ބަދަހިވެގެންދާނެ އެވެ. އަދި ދަރިފުޅަށް ދިވެހިބަސް ދަސްވާނެއެވެ.

ގޭގައި ތިއްބަވާއިރު ލިބޭ ހުސްވަގުތުތަކުގައި ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކާއި ފޮތްތައް ވިދާޅުވާށެވެ. ދިވެހިބަހުން އުފެއްދުންތެރި ލިޔުންތައް ލިޔުއްވާށެވެ. ޅެންތައް ހައްދަވާށެވެ. ޝުޢޫރުތައް ފާޅުކުރާށެވެ. ގޭގައި މަޑުކުރާއިރު މި ލިބޭ ހުސްވަގުތުތަކުގައި ދަރީންނަށް ދިވެހިބަހުން ވާހަކަ ދައްކަވާށެވެ. ދިވެހިބަހުން ވާހަކަ ކިޔައިދެއްވާށެވެ. ދިވެހިބަހުން ޝުޢޫރު ފާޅުކުރަން ދަރީންނަށް ހިތްވަރުދެއްވާށެވެ. ދުނިޔެއަކީ ބިރުވެރިތަނަކަށް ވެފައިވާ މިވަގުތުގައި ކުދީންނަށް ޝުޢޫރުތަކާއި އިހްސާސްތައް ފާޅުކުރާނެ ފުރުސަތު ދިނުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމުކަމެކެވެ. އެކުދިންގެ ވާހަކަތައް އަޑުއައްސަވާށެވެ.  ދިވެހިބަހުން އުފެއްދުންތެރި ލޔުންތައް ލިޔަން ދަރީންނަށް ހިތްވަރު ދެއްވާށެވެ.

ބަހަވީ ދިރާސާތައް ބުނާގޮތުން ޅަފަތުގައި މާދަރީ ބަހަށް އަހުލުވެރިވާ ކުދިންގެ ވިސްނުން ތޫނުވެއެވެ. އަދި ދެވަނަ ބަހެއް ދަސްކުރަން އެފަދަ ކުދީންނަށް ފަސޭހަ ވެސް މެއެވެ. ވީމާ ގޭގައި މަޑުކުރައްވާ މިވަގުތުގައި ކުދީންނަށް ދިވެހި ބަހުން މުޢާމަލާތު ކުރައްވާށެވެ.

ދިވެހިބަހުގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން ކުރަންވީ ކަމަކީ ދިވެހިބަހުން ގިނަގިނައިން ވާހަކަ ދެއްކުމެވެ. ދިވެހިބަހުން ހުންނަ ފޮތްފޮތާއި ލިޔުންތައް ގިނަގިނައިން ކިޔުމެވެ. ދަރީންނަށް ފޮތް ކިޔައިދިނުމެވެ. ދަރީންނަށް ފޮތް ކިޔަން ބާރުއެޅުމެވެ. ދިވެހިބަހުން ލިޔުމެވެ. ދިވެހިބަހަށް ކުރުއެރުމާއި ފާގަތިކަން މާތްﷲ މިންވަރު ކުރައްވާށިއެވެ. ދިވެހިބަސް ކުރި އަރުވައި ތަރައްޤީ ކުރަން ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ބަރަކާތް ލައްވާށެވެ. އާމިން.

14 އޭޕްރިލް 2020