﷽

އޭޕްރިލް މަހުގެ 18 ވަނަ ދުވަހަކީ ، ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފާހަގަކުރަމުންދާ ތަރިކައިގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުންނަށައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްފާޞިލް ފައިޞަލް ނަސީމުގެ ދެކަނބަލުންނަށް އަދި ދިވެހިރާއްޖޭގެ ތަރިކަ ޙިމާޔަތްކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބޭބޭފުޅުންނަށް އެބޭބޭފުޅުންގެ އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކޮށް ޝުކުރު ދަންނަވައި ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަމެވެ.

     މިއަހަރުގެ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ ޝިޢާރަކީ “އެންމެންގެ ސަގާފަތް، އެންމެންގެ ތަރިކަ، އެންމެންގެ ޒިންމާ” ނުވަތަ “ޝެއަރޑް ކަލްޗަރ، ޝެއަރޑް ހެރިޓޭޖް ، ޝެއަރޑް ރެސްޕޮންސިބިލިޓީ” މިއެވެ.

      އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި ، އެއްބައެއްވަންތަކަން ހިފެހެއްޓުމަށްޓަކައި ސަޤާފީ ތަރިކަ ރައްކާތެރިކުރުމަކީ މުހިއްމު ކަމެކެވެ. ވޭތުވެ ދިޔަ ޒަމާންތަކުގައި ދިވެހީން ކޮށްއުޅުނު  މަސައްކަތްތަކާއި ދިރިއުޅުނު ގޮތްތަކައި ކޮށްޅުއުޅުނު ކުޅިވަރުތަކާއި މިފަދަ އެންމެހައި ކަމެއް ، އޮޅުންފިލާނޭހެން މިޒަމާނާ ހަމައަށް ވާރުތަވެގެން އައިސްފައިވާ ކަމީ އަޅުގަނޑު ޝުކުރުވެރިވާންޖެހޭ ކަމެކެވެ. އަދި އަޅުގަނޑުމެންގެ ކާބަފައިން މިކަންކަމަށް އަމާނާތްތެރިވީ ފަދައިން އަޅުގަނޑުމެންވެސް މި އަގުހުރި ތަރިކަތަށް އަމާނާތްތެރިވާން ޖެހެއެވެ. ކުރިއަށް އޮތް ޖީލުތަކަށް އެ ތަރިކަ ރައްކާތެރިކަމާއެކު ފޯރުކޮށްދޭން ޖެހެއެވެ.

   ކޯވިޑް – 19 މުޅު ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ސަޤާފީ ތަރިކައިގެ މުހިއްމުކަން އިހުނަށްވުރެ ބޮޑަށް އިޙުސާސް ކުރެވެއެވެ. އަޅުގަނޑުމެންގެ ސަޤާފީ ތަރިކަ އަކީ އަޅުގަނޑުމެން އެއްބައިވަންތަކުރުވާ މުހިންމު އެއްޗެކެވެ. އުދަނގޫ ދަނޑިވަޅުތަކުގައި އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން އަޅުގަނޑުމެންނަށް ބޮޑަށް އިޙުސާސް ކުރެވެއެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިއްމުކަން އަޅުގަނޑުމެންނަށް އިޙުސާސް ކުރެވެއެވެ. ކާބަފައިން އުޅުނު ދަތި އުދަނގޫ ހާލު އަޅުގަނޑުމެންނަށް ތަސައްވަރު ކުރެވެއެވެ. ޤައުމަށްޓަކައި ކާބަފައިން އެ ކުރެއްވި އަގުހުރި ޖިހާދުތަކުގެ އަގު އަޅުގަނޑުމެނަށް ވަޒަން ކުރެވެއެވެ. ވީމާ ކާބަފައިންގެ ދިރިއުޅުމުން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަމާތޯ އެވެ. ޤައުމަށްޓަކައި ކާބަފައިން ކުރެއްވި ޖިހާދުތަކާއި ، ތަފާތު ވަބާތަކާއި ކާރިސާތަކުން އަރައިގަތުން ކުރެއްވި ބުރަ މަސައްކަތާއި ދެއްކެވި ހިތްވަރާ އެއްބައިވަންތަކަން ނަމޫނާއަކަށް ބަލަމާތޯއެވެ؟

     ކޯވިޑް- 19 އިން ރައްކާތެރިވުމަށް އަޅުގަނޑުމެން ގޭބަންދުވެގެން ތިބި މިވަގުތަކީ އަޅުގަނޑުމެންގެ ކާބަފައިން ދިރިއުޅުނު ގޮތާއި ކުރި މަސައްކަތްތަކައި ބެހޭ މަޢުލޫމާތު އެއްކޮށް ރިކޯޑްކޮށް ، ލިޔެ ރައްކާތެރިކުރުމަށް ލިބިފައިވާ ފުރުޞަތަކަށް ހައްދަވާށެވެ. ޢާއިލާ އެކުގައި އުޅޭއިރު އަޅުގަނޑުމެންގެ ސަގާފީ ކުޅިވަރެއް ދަސްކުރަމާތޯއެވެ. ސަގާފީ މަސައްކަތެއް ދަސްކުރަމާތޯއެވެ. ސަގާފީ ދިވެހި ކެއްކުންތައް ކައްކަމާތޯއެވެ. ތާރީޙީ މަޢުލޫމާތު އެއްކުރަމާތޯއެވެ. ގޭގައި ތިއްބެވި ނަމަވެސް ފޯނުން ގުޅުއްވައިގެން ވެސް ދުވަސްވީ ބޭފުޅުން އަރިހުން މިފަދަ މަޢުލޫމަތު ހޯއްދެވިދާނެއެވެ. ތަފާތު ފޮތްފޮތާއި އޮންލައިން މަންސަތަކުން މަޢުލޫމާތު ހޯއްދެވިދާނެއެވެ. މިދުވަސްވަރު ގޭގައި ތިއްބަވާއިރު ކުދީންނަށް އެކުދީންގެ ކާބަފައިންގެ ދިރިއުޅުން އައިގޮތާއި ، ކޮށް އުޅުނު މަސައްކަތްތަކާއި ، ބެހޭގޮތުން މަޢުލޫމާތު ކިޔައި ދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. ޢާއިލާގެ ދުވަސްވީ ބޭފުޅުންނަށް ގުޅުއްވައިގެން މަޢުލޫމާތު ހޯދުމަށް ޒުވާނުންނާއި ކުދީންނަށް ހިތްވަރު ދެއްވާށެވެ. ފޮތްކިޔާ މަޢުލޫމާތު ހޯދުމަށް ކުދީންނަށް ހިތްވަރު ދެއްވާށެވެ. ހަމައެކަނި ދިވެހީންގެ ސަގާފީ ތަރިކަ އާއި ބެހޭ ގޮތަކުންނެއް ނޫނެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ސަޤާފީ ތަރިކައާ ބެހޭ ގޮތުންނެވެ.

      އަޅުގަނޑުގެ އިޙްލާސްތެރި ދުޢާއަކީ ، ކޯވިޑް – 19 ގެ ބިރުވެރިކަމުން މާތްﷲ މި ދިވެހި ޤައުމު ރައްކާތެރި ކުރެއްވުމެވެ. ދިވެހީންނަކީ ކާބަފައިން ދިރިއުޅުނު ގޮތާއި ކުރި މަސައްކަތްތަކާއި ކުރި ހިތްވަރުން ހިތްވަރު ލިބިގަންނަ ބައެއް ކަމުގައި ލެއްވުމެވެ. އަދި ދިވެހީންނަކީ ސަޤާފީ ތަރިކައާއި މެދު ފަޙުރުވެރިވެ ، ލޯބިވާ އެއްބައިވަންތަ ބައެއް ކަމުގައި ލެއްވުމެވެ. އާމިން.

                            18 އޭޕްރިލް 2020