ސަގާފީ އަދި ފަންނީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާއި ބެހޭ އެއްބަސްވުމެއްގައި ދިވެހިރާއްޖޭގެ ސަރުކާރާއި ތުރުކީގެ ސަރުކާރުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ އެ ކަމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ތުރުކީ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ މެވްލޫތު ޝަވްޝަގްލޫއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤެވެ.
ދެޤައުމުގެ ދެމެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުމަކީ، “އެގްރީމަންޓް އޮން ކަލްޗަރަލް ކޯޕަރޭޝަން” އެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކަންތައްތަކުގެ ތެރޭގައި؛
ފަންނާއި އާދަކާދައާއި ކުތުބުދާރުކަމާއި ޝާއިޢުކުރުމާއި އާކިއޮލޮޖީއާއި ދާރުލްއާސާރުގެ ރޮނގަށް ޚާއްސަ އިސްކަމެއް ދީގެން ސަގާފީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، މާނަވީ ތަރިކަ ރައްކާތެރިކޮށް، ކުރިއަރުވައި އަދި އެ ދާއިރާއިން ދިރާސާ ކުރުމަށް ގުޅިގެން މަސައްކަތް ކުރުން،
އާސާރީ ތަރިކައާ ގުޅޭގޮތުން ބައިނަލްއަގުވާމީ ކޮންގްރެސްތަކާއި، މަހާސިންތާ އަދި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުން،
ސަގާފީ ތަރިކައިގެ ވަގުފާރި ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުން،
ތިއޭޓަރ، މިއުޒިކް، ކޮރިއޯގްރަފީ، ޕަރފޯމިންގ އާޓްސް އަދި ވިޜުއަލް އާޓްސްގެ ދާއިރާ ތަރައްޤީ ކުރުމާއި، ބައިނަލްއަޤުވާމީ ފިލްމު ފެސްޓިވަލްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން،
ދެ ޤައުމުގެ ދެމެދުގައި ލިޔުންތެރިކަމާއި އަދަބިއްޔާތުގެ ފަންނު ކުރިއެރުވުމަށް، އެއް ޤައުމުގެ ލިޔުންތެރިން ލިޔެފައިވާ އެކިއެކި ފޮތް އަނެއް ޤައުމުގެ ބަހަށް ތަރުޖަމާކޮށް، އާންމުކުރުން، އަދި
ބައިނަލްއަގުވާމީ މަހާސިންތާތަކާއި ޕެނަލްތައް އަދި ބުކް ފެއާތަކުގައި ދެ ގައުމުގެ ލިޔުންތެރިން ބައިވެރިކުރުން، ހިމެނެއެވެ.
މި އެއްބަސްވުމުގެ ދަށުން އެއްބަސްވެވިފައިވާ ކަންކަން ރާވައި، ވިލަރެސްކުރުމަށް ދެ ޤައުމުގެ މަންދޫބުން ހިމެނޭ ކޮމިޓީއެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.