ދިވެހިބަހުގެ އެކެޑަމީ

ދިވެހި ބަހުގެ އެކަޑަމީ އަކީ ގާނޫނު ނަންބަރު 2011/9 ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން އުފެދިފައިވާ މުވައްސަސާއެކެވެ. ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ، އަދި އެންމެ އަގުބޮޑު އެއް ތަރިކަ ކަމުގައިވާ ދިވެހިބަސް ހީނަރުވިޔަނުދީ ޙިމާޔަތް ކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް އަމާނަތްތެރި ކަމާއެކު ވާޞިލު ކޮށްދިނުމަކީ މި މުވައްސަސާގެ އަމާޒެވެ.

ދިވެހިބަހުގެ އެެކެޑަމީ ވެބްސައިޓް

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަކީ ޤާނޫނު ނަމްބަރު 2011/16 (ދިވެހިރާއްޖޭގެ އަރުޝީފުގެ ޤާނޫނު) ގެ ދަށުން 19 ޖަނަވަރީ 2012  ގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޤާނޫނީ މުއައްސަސާއެކެވެ. “ޤައުމީ އަރުޝީފަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، މިނިވަން ޤާނޫނީ ޝަޚްޞެކެވެ.”

ޤައުމީ އަރުޝީފުގެ ކަންކަން ބަލަހައްޓަވާ ވުޒާރާއަކީ 28 އޭޕްރީލް 2014 ވަނަ ތާރީޚުން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައި އޮތްއޮތުން ބަދަލުކުރައްވައި، 17 ނޮވެމްބަރ 2018 ވަނަ ތާރީޚުން ފެށިގެން ޤައުމީ އަރުޝީފުގެ ކަންކަން ބަލަހައްޓަވާ ވުޒާރާ އަކީ، މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.

ޤައުމީ އަރުޝީފުގެ މައިގަނޑު މަސައްކަތަކީ، ޤާނޫނު ނަންބަރު 2011/16 (ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު) ގެ 6 (ހައެއް) ވަނަ މާއްދާއިން މަތިކޮށްފައިވާ، ދައުލަތުގެ ރެކޯޑު ބެލެހެއްޓުމާއި، އެ ރެކޯޑުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެވެ. ވޭތުވެދިޔަ 2019 ވަނަ އަހަރު މި މުއައްސަސާގެ މަސްޢޫލިއްޔަތުތަކަށް އެއްވެސް އުނިއިތުރެއް އައިސްފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު ވެބްސައިޓް

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަކީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މުއައްސަސާއެކެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު އުފެދުމުގެ ކުރިން މި މަރުކަޒުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔައީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުންނެވެ. ނަމަވެސް، ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައި ޤާނޫނޫ)ގެ 14 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާތީ “ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގެ ނަން ” ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު” ގެ ނަމަށް 2019 ސެޕްޓެމްބަރު 12 ވަނަ ދުވަހުން ފެށިގެން ބަދަލުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 16/2019 (22 ސެޕްޓެމްބަރު 2019) ދެންނެވުމުން ވަނީ އަންގަވާފައެވެ. މިގޮތަށް ހަމަޖެހުމާ ގުޅިގެން ޤައުމީ މަރުކަޒުގެ މަސައްކަތްތަކަށްވެސް ވަނީ ބަދަލު ގެންނަވާފައެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ވެބްސައިޓް

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް

2005 ޑިސެންބަރު 29 ގައި ދިވެހި ސަރުކާރުން އުފައްދަވާފައިވާ “ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް” މިހާރު ހިންގަމުން އަންނަނީ މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުންނެވެ. “ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް” އަކީ، ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް ކުރިއަރުވައި އުނގަންނައިދިނުމަށާއި، އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކަށް ފަންނީ ފުރުޞާޠުތައް ބޭރާއި، އެތެރެއިން ހޯދާދިނުމާއި، މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުމަށް އުފައްދާފައިވާ ސެންޓަރެކެވެ. “ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް” އިން ސިޓީތަކުގައި ޖަހާ ނަންބަރަކީ 177 އެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ވެބްސައިޓް

ޤައުމީ ކުތުބުޚާނާ

ޤައުމީ ކުތުބުޚާނާއަކީ، “ދައުލަތުގެ ކުތުބުޚާނާ”ގެ ނަމުގައި 1945 ޖުލައި 12 ގައި، ނާދީތަމައްދުންގެ ޢިމާރާތުގެ އެއް ކޮޓަރީގައި ހުޅުއްވެވި ކުތުބުޚާނާއެކެވެ. މި ކުތުބުޚާނާ އުފެއްދެވީ އޭރުގެ ދިވެހި ދައުލަތް ހިންގެވުމާ ޙަވާލުވެ ހުންނެވި އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނެވެ.

ޤާނޫނު ނަންބަރު 2006/01 (ޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނު) ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައި 2006 ޖެނުވަރީ 26 ގެޒެޓްގައި ޝާއިޢު ކުރެއްވުމާއެކު މިޤާނޫނުގެ ދަށުން، ގައުމީ ކުތުބާޚާނާއަށް ތަކެތި ޖަމާކުރަން ފެށުނެވެ.

ޤައުމީ ކުތުބުޚާނާގެ ވެބްސައިޓް

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނަކީ ކުރިން ފިލްމް ސެންސަރުބޯޑުގެ ނަމުގައި ހިންގަމުން ގެންދެވި އިދާރާއެކެވެ. ފިލްމް ސެންސަރުބޯޑުގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާކޮށް ތަރައްޤީ ކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 29 ޑިސެންބަރު 2005 ން ފެށިގެން ‘ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަން’ ގެ ނަމުގައި ވަކިން ހިންގާ އިދާރާއެއްގެ ގޮތުގައި މިއޮފީސް ހަމަޖެއްސެވިއެވެ.

އަދި މިގޮތަށް ބަދަލުގެނައުމާއި ގުޅިގެން މިބިޔުރޯގެ މައިގަނޑު މަސައްކަތަކީ އިޖުތިމާޢީ މިންގަނޑުތަކާއި އަޚުލާޤީ ހަމަތަކަށް ފެތޭ ފޭރާން ހެޔޮ އަދަބީ އަދި ފަންނީ އުފެއްދުންތަކެއް ދިވެހި މުޖުތަމަޢަށް ނެރުމަށް ބާރުއެޅުމުގެ ގޮތުން މިޒަމާނުގެ މުވާޞަލާތީ ވަޞީލަތްތަކުގެ އެހީގައި އާއްމުކުރެވޭ އަދި ޝާއިޢުކުރެވޭ ތަކެތި ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމާއި، ޤާނޫނާއި ގަވާއިދުތަކާއި ޚިލާފު ތަކެތި ހިފެހެއްޓުން ކަމަށް ބަދަލުކުރެވުނެވެ. މިގޮތުން ދިވެހިރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ފަންނީ އުފެއްދުންތައް ކްލެސިފައިކުރުމާއި، ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރެވޭ ކޭބަލް ޓީވީ ޗެނަލްތައް ކްލެސިފައިކުރުމާއި އަދި ފިކުރީ އުފެއްދުންތައް ފާސްކުރުމުގެ ޚިދުމަތްތައް ދެއެވެ. އަދި ފަންނީ، އަދަބީ އުފެއްދުންތަކުން އާއްމުންނަށްކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައްވެސް ހިންގަމުންދެއެވެ.

ނޭޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގެ ވެބްސައިޓް