06 މޭ 2026
މައުނަވީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ 2003 ވަނަ އަހަރުގެ ޔުނެސްކޯ މުޢާހަދާއާ ގުޅިގެން ބާއްވާ، މީހުން ބިނާކުރުމުގެ މަސައްކަތު ބައްދަލުވުން ފަށައިފިއެވެ.
މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތު އޭޝިއާ ގުޅިގެން 2026 މޭ 5 އިން 6 އަށް ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމަކީ، ޔުނެސްކޯގެ 2003 ވަނަ އަހަރުގެ މައުނަވީ ސަގާފީ ތަރިކައިގެ މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
މި މުޢާހަދާއަކީ ދިވެހިރާއްޖޭގެ މައުނަވީ ސަގާފީ ތަރިކަ ރައްކާތެރިކޮށް ކުރިއަރުވައި، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށާއި، އެ ފަންނުތަކުގައި އުޅުއްވާ ބޭފުޅުންނަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަތުން ހޯދައިދީ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއެރުވުމަށް ލިބިގެންދާނެ ރަނގަޅު ފުރުޞަތެކެވެ.
މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުނަވީ ސަގާފީ ތަރިކައިގެ ދަފުތަރު އިތުރަށް ފުރިހަމަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި މައުނަވީ ތަރިކަ ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތައް ހިއްސާކޮށް، އެހެން ޤައުމުތަކުގައި އެފަދަ ކަންކަމަށް ހޯދާފައިވާ ޙައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއެކު، 2003 ވަނަ އަހަރު ޔުނެސްކޯއިން ތަޢާރަފުކޮށްފައިވާ "ކޮންވެންޝަން ފޮރ ސޭފްގާޑިންގ އޮފް ދި އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމަށްޓަކައި ކުރަންހުރި ކަންކަން ދެނެގަތުމެވެ.
މީގެ އިތުރުން، މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި، ޔުނެސްކޯއާއި، ދިވެހި ތަރިކައިގެ ދާއިރާގައްޔާއި ފަންނުތަކުގައި އުޅުއްވާ ބޭފުޅުން ބައްދަލުވެ، މުޢާހަދާގެ ތެރެއިން ދިވެހި މައުނަވީ ތަރިކަ ކުރިއެރުވޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލެވޭނެއެވެ. އަދި ދާއިރާގެ ފަންނުވެރިންނަށް ހުރި ދަތިތަކާއި ހުރަސްތަކާ ބެހޭ މަޢުލޫމާތު ބަދަލުކުރެވި، މުޢާހަދާގެ ސަބަބުން އެކަންކަމަށް ލިބޭނެ ލުއިފަސޭހަތަކަށްވެސް ބަލައިލެވޭނެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ޔުނެސްކޯގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތު އޭޝިއާ، އިންޓަރނޭޝަނަލް އިންފޮމޭޝަން އެންޑް ނެޓްވޯކިންގ ސެންޓަރ ފޮރ އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް އިން ދަ އޭޝިއާ ޕެސިފިކް ރީޖަން (ICHCAP) އަދި ޔުނެސްކޯގެ މައުނަވީ ތަރިކައިގެ މާހިރު އިބްތިސާމް އަލްވައްހައިބީއެވެ. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މައުނަވީ ސަގާފީ ތަރިކައާ ގުޅޭ ޖަމިއްޔާ ޖަމާޢާތްތަކާއި، ފަންނުވެރިންނާއި، މަސައްކަތްތެރިންނާއި، ދިރާސާވެރިންގެ އިތުރުން މައުނަވީ ތަރިކައިގެ މަސައްކަތްތައް އެކި ގޮތްގޮތުން ކުރައްވާ އިދާރާތަކާއި މުޢާހަދާގެ ހިއްސާވެރިންނެވެ.
މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަލީދުގެ އިތުރުން، ނިއުދިއްލީގައި ހުންނަ ޔުނެސްކޯ އޮފީހުގެ ޑައިރެކްޓަރ އެންޑް ރެޕްރެޒެންޓެޓިވް މިސްޓަރ ޓިމް ކަރޓިސްއާއި، އިޗްކެޕް (ICHCAP) ގެ ޑައިރެކްޓަރ އޮފް ދަ އޮފީސް އޮފް އިންފޮމޭޝަން އެންޑް ރިސަރޗް މިސްޓަރ ވިއޮންމޯ ޕާކް އަދި އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް އެކްސްޕާޓް މިސިޒް އިބްތިސާމް އަލްވައްހައިބީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.