ޤައުމެއް ދިރޭނީ ފެންވަރު ރަނގަޅު ތަޢުލީމާއި އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެން -ވަޒީރު ހީނާ ވަލީދު

09 އޮކްޓޫބަރު 2026

ޤައުމެއް ދިރޭނީ ފެންވަރު ރަނގަޅު ތަޢުލީމާއި އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެން -ވަޒީރު ހީނާ ވަލީދު


ޤައުމެއް ދިރޭނީ އެޤައުމެއްގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި އިސްލާމީ މާތް އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ތަރުބިއްޔަތެއް ދަރީންނަށް ދެވިގެން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މާލޭ ސެންޓްރަލް ހޮޓެލްގައި މިރޭ ކުރިއަށްދިޔަ އެކްސެލް އިންޓަރނޭޝަނަލް ސްކޫލުގެ ޓީޗަރުންގެ އަގުވްޒަންކުރުމަށް ސެންޓްރަލް ހޮޓެލްގައި މިރޭ ބޭއްވި ޚާއްޞަ ހަފްލާ، ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

“މި ޤައުމަށް ބޭނުންވަނީ ތަޢުލީމާއި ތަރުބިއްޔަތު ލިބިފައިވާ، ތިމާގެ އަމިއްލަ ނަފުސަށާއި އެހެންމީހުންނަށް އިޙްތިރާމު ކުރުމާއި އޯގާވެރިވުންފަދަ ރިވެތި އާދަތައް އަށަގަނެވިފައިވާ ޖީލެއް. މިފަދަ ޖީލެއް ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ ލޮބުވެތި މުދައްރިސުން.” ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަޒީރު ހީނާގެ ވާހަކަފުޅުގައި، ތުއްތު ދަރިންނަކީ އަޅުގަނޑުމެންގެ ޤައުމު ދެކެ ލޯބިވާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ޙުރިމަތްތެރިކޮށްހިތާ، އަދި ޤައުމިއްޔަތު ނަގަހައްޓައި ދަމަހައްޓާނެ ދަރީންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމުގައި ފާހަގަކޮށް އަކަމަށް މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.

މިރޭ ކުރިއަށް ދިޔަ އަގުވަޒަންކުރުމުގެ މި ޚާއްޞަ ހަފްލާގައި އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ވަނީ ތެރެއިން އެކި ގޮތް ގޮތުން ފާހަގަކޮށްލެވޭ ޓީޗަރުނަށް އިނާމު އަރުވާފައެވެ. އަދި ބެލެނިވެރިންގެ ފަރާތުން ޓީޗަރުންނަށް ޚާއްސަކޮށް ހުށަހެޅުމެއްވެސް ވަނީ ހުށަހަޅާފައެވެ.