02 ޖުލައި 2026
ފިލްމް ޑައިރެކްޓަރ އަދި ޕްރޮޑިޔުސަރ އަމްޖަދު އިބްރާހިމް ދީދީ (އަމްޖޭ)ގެ 50 ވަނަ ފިލްމް "ގިލަން" ޕްރިމިއަރ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ކުލަގަދަ ޙަފްލާ، ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ޚާއްޞަ ފިލްމް ޕްރިމިއަރ ކުރުމަށް ރޭ ކުރިއަށް ދިޔަ ޚާއްޞަ ރެޑްކާޕެޓް ޙަފްލާގައި، ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ފަންނާނުންނާއި އަމްޖޭގެ ސަޕޯޓަރުން ބައިވެރިވެފައެވެ. ރޭގެ ޝޯއަކީ ހައުސްފުލް ޝޯއެއް ކަމަށް ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތު ދެއެވެ.
މި ފިލްމް ނެރެދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ފިލްމީ ދާއިރާއަށް އަމްޖޭ ކުރައްވާފައިވާ ފެންވަރު ރަނގަޅު ގިނަ މަސައްކަތްތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި މި ފިލްމަކީ ވެސް ކުރީގެ ފިލްމްތަކެކޭ އެއްގޮތަށް ކާމިޔާބު ފިލްމަކަށް ވާނޭ ކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އަމްޖޭ ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށީ 1967 ގައެވެ. އޭގެ ފަހުން އަމްޖޭ ވަނީ އާންމުންގެ މަޤްބޫލުކަން ހޯދި އެތައް ފިލްމެއް އުފައްދާފައެވެ. އޭގެ ތެރޭގައި 1995 ގެ "މާބުރުގެ އުސޫލު"، "ގުރުބާނީ" އާއި 1997 ގައި މަޝްހޫރުވެގެން ދިޔަ "ލޯބީގެ އަނިޔާ" ގެ އިތުރުން "ސަނދުރަވިލޭރޭ 1" އަދި 2 ހިމެނެއެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއަށް އަމްޖޭ ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން 2006 ވަނަ އަހަރު ސަރުކާރުން ވަނީ ފިލްމް ޑައިރެކްޓް ކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ.