މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ވަނަތައް ހޮވައި، "ދި އެގްޒިބިޝަން" ހުޅުވައިފި

03 އޮގަސްޓު 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ވަނަތައް ހޮވައި، "ދި އެގްޒިބިޝަން" ހުޅުވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރެހުމުގެ މުބާރާތަކާއި ފޮޓޯގްރަފީ މުބާރާތެއް ބާއްވައިފިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ހުރިހާ ކެޓަގަރީއަކުން އެންމެ މޮޅު 10 ކުރެހުމާއި ފޮޓޯ ދައްކާލުމަށް ބާއްވާ "ދި އެގްޒިބިޝަން" މައުރަޒު ހުޅުވުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ހަފުލާގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މުބާރާތްތަކުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އާއި ވަޒީރު ހީނާ ވަލީދެވެ.

މިގޮތުން ކުރެހުމުގެ މުބާރާތުން 21 އަހަރުން މަތީގެ އުމުރުފުރާއިން 1 ވަނަ ޢަލީ ނަޖީބު ހޯދާފައިވާއިރު، ފޮޓޯގްރަފީ މުބާރާތުން 1 ވަނައަށް ހޮވިފައިވަނީ ނައުޝަމް ވަހީދެވެ.

މީގެއިތުރުން، ކުރެހުމުގެ މުބާރާތުން 2 ވަނަ އާއިޝަތު ލިޢުޝާ ހޯދިއިރު، 3 ވަނަ ހޯދާފައިވަނީވެސް ޢަލީ ނަޖީބެވެ. ފޮޓޯގްރަފީ މުބާރާތުން 2 ވަނައަށް ސިދުރާ އިބްރާހީމް ހޮވިފައިވާއިރު، 3 ވަނައަށް ހޮވިފައިވަނީ އިބްރާހީމް ޝަހީމެވެ.

ކުރެހުމުގެ މުބާރާތަށް ހުށަހެޅުނު ކުރެހުންތަކުގެ ތެރެއިން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 10 ކުރެހުން އަދި ފޮޓޯގްރަފީ މުބާރާތުން އެންމެ މޮޅު 10 ފޮޓޯ މިހާރު ވަނީ "ދި އެގްޒިބިޝަން" ގައި އާންމުންނަށް ދައްކާލުމަށް ހުޅުވާލެވިފައެވެ. މި މައުރަޒު ކުރިއަށްދާނީ އޮގަސްޓު 3 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.

ފޮޓޯ ގެލަރީ