26 ޖުލައި 2026
ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގެ ކޯއްޓޭއަށް ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ހެނދުނު 06:00 ގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުމުން މަރުޙަބާ ދެންނެވީ، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދާއި، ދިފާޢީ ވަޒީރު ޙަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޡީފުގެ އިތުރުން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ކޯއްޓޭއަށް ދިދަ ނެގީ އެމްއެންޑީއެފްގެ ދިދަ ބިސީންނެވެ. ރަސްމިއްޔާތުގައި މިނިވަން ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތްއިރު، ރަސްމިއްޔާތު ނިންމާލީ އެމްއެންޑީއެފްގެ ބޭންޑުން ޤައުމީ ސަލާމް ކުޅުމާއެކުގައެވެ.
މިނިވަން ދުވަހާ ގުޅިގެން އިތުރު ހަރަކާތްތަކެއްވެސް ވަނީ ރޭވިފައެވެ. އެގޮތުން:
ރަސްމީ ޖަލްސާ: މިއަދު ހެނދުނު 09:00 ގައި ޒުވާނުންގެ މަރުކަޒުގައި.
މައިދާނީ ހަރަކާތް: މިރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި.
މީގެ އިތުރުން މާލޭ ބޮޑެތި މަގުތަކުގައި ސިފައިންގެ އަސްކަރީ ހަރަކާތް ހިމެނޭ ޕެރޭޑް، އަދި ދިވެހިރާޢްޖޭގެ ޤައުމީ ކެޑޭޓް ކޯރގެ ޕެރޭޑާއި ރޫޓްމާރޗްވެސް މިރޭ 8:30 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން މުޅިން އަލަށް "މިނިވަން ރަން" ނަމުގައި ދުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ދުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 27 ޖުލައި 2026 ގައި ހުޅުމާލޭގައެވެ.