"މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ" މައުރަޒަށް ވަޒީރު ހީނާ ވަލީދު ޒިޔާރަތް ކުރައްވައިފި

18 ޖޫން 2026

"މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ" މައުރަޒަށް ވަޒީރު ހީނާ ވަލީދު ޒިޔާރަތް ކުރައްވައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކޮށްފައިވާ އާކިޓެކްޗަރަލް ފަރުމާތަކާއި އޭގެ މުއްސަނދި ތާރީޚު މައުރަޒުކުރުމަށް ބޭއްވި "މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ: އައިޑެންޓިޓީ، މެމަރީ އެންޑް ލެގަސީ" މައުރަޒަށް، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޒިޔާރަތްކުރައްވައިފިއެވެ.

މި މައުރަޒުގައި ދައްކާލި ކުރެހުންތަކާއި މޮޑެލްތަކާއި ފޮޓޯތަކަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ފަންނުގެ ތަޖުރިބާކާރު މައުރޫފު ޖަމީލުގެ މަސައްކަތްތަކާއި ދާއިރާގެ ޖަމާއީ ކުރިއެރުން ދައްކައިދޭ ރަމްޒުތަކެކެވެ. މިއީ ރާއްޖޭގެ ރިސޯޓު އާކިޓެކްޗާގެ މުއްސަނދިކަން އާންމުންނަށް ދައްކާލުމަށާއި، މި ދާއިރާގެ ކުރެހުންތަކާއި ފަރުމާތައް ތާރީޚަށް ޓަކައި ރައްކާކޮށް ދިރުވުމުގެ މަގުސަދުގައި ބޭއްވި މައުރަޒެކެވެ.

އާޓް ގެލެރީގައި މި މަހުގެ 2 އިން 18 އަށް ބޭއްވި މައުރޫފު ޖަމީލުގެ މި މައުރަޒުގައި ވަނީ 1972 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ރިސޯޓުތަކުގެ އާކިޓެކްޗާއަށް އައިސްފައިވާ ބަދަލުތައް ތަރުތީބީ ގޮތެއްގައި ދައްކާފައެވެ.

މި މައުރަޒަށް ކުރެއްވި ޒިޔާރަތަށްފަހު ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިފަދަ އެގްޒިބިޝަނެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ރިސޯޓު އާކިޓެކްޗާގެ ކުރީކޮޅުގެ އުފެއްދުންތަކަކީ ތާރީޚުގެ ވަރަށް މުހިންމު ބައެއްކަން އަންގައިދިނުން ކަމަށެވެ.

މި މައުރަޒުގައި ފެންނަން ހުރި އާޓްވޯކްތަކުގެ ތެރޭގައި މައުރޫފްގެ އަމިއްލަ އާކިޓެކްޗަރަލް ކުރެހުންތަކުގެ އިތުރުން، ރިސޯޓުތަކުގެ ފްލޯ ޕްލޭންތަކާއި، ކުރީގެ ބައެއް ފޮޓޯތަކާއި، ކުދި ތްރީޑީ (3D) މޮޑެލްތައް ހިމެނެއެވެ. ޚާއްޞަކޮށް، ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ރިސޯޓުތަކުން ނެތިގެން ގޮސްފައިވާ ބައެއް މުހިންމު އާކިޓެކްޗަރަލް ފަރުމާތަކުގެ މޮޑެލްތަކާއި ކުރެހުންތައް މި އެގްޒިބިޝަންގައި ވަނީ ދައްކާލާފައެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމު ކުރިން ފުރުއްވައިފައިވާ މައުރޫފު ޖަމީލަކީ 2025 ވަނަ އަހަރު އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެން ހުންނެވި ޢިލްމީ ތަޖުރިބާކާރު ބޭފުޅެކެވެ.

މި މައުރަޒަށް ގިނަ އަދަދެއްގެ އާންމުންނާއި ދާއިރާގެ މާހިރުންގެ ތަރުހީބު ލިބިވަޑައިގެން ކަމަށް މައުރޫފު ފާހަގަކުރެއްވިއެވެ.