21 ޖޫން 2026
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި އަހަރީ ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ރޭ އެމްއެންޔޫގެ އޮޑިޓޯރިއަމްގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި، މުބާރާތުގެ އެކި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވަޒީރު ހީނާ ވަލީދެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވަޒީރު ވަނީ އަގުހުރި ވާހަކަފުޅެއް ދައްކަވާފައެވެ.
އެމްއެންޔޫ ސްޓޫޑަންޓް ޔޫނިއަންގެ ބަހުސް މުބާރާތަކީ އެ ޖަމްޢިއްޔާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އަދި އެންމެ ދިގު ތާރީޚެއް އޮތް އެއް މުބާރާތެވެ. މި މުބާރާތުގެ ސަބަބުން ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ފާހަގަކޮށްލެވޭ ފަދަ ހުނަރުވެރި ގިނަ ޒުވާނުންތަކެއް މުޖުތަމަޢަށް ނެރެދީފައިވެއެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން، ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއާއި، ޔުނިވަރސިޓީގެ އިސްވެރިންނާއި، ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީއާއި އެޑްވައިޒަރީ ބޯޑުގެ މެންބަރުންގެ އިތުރުން ފަނޑިޔާރުންނާއި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ބަސް ދިރުވައި އާލާކުރުމާއެކު، ބަހުގެ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ވާހަކަދެއްކުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމެވެ.