ޤައުމު ބިނާކުރުމުގެ އެކި އުންސުރުތަކުގެ ތެރޭގައި ޢިލްމީ ބަހުސްތަކުގެ އަލީގައި ހޯދާ އައު ޢިލްމީ ހޯދުންތައް ހިމެނޭ: ވަޒީރު ހީނާ

21 ޖޫން 2026

ޤައުމު ބިނާކުރުމުގެ އެކި އުންސުރުތަކުގެ ތެރޭގައި ޢިލްމީ ބަހުސްތަކުގެ އަލީގައި ހޯދާ އައު ޢިލްމީ ހޯދުންތައް ހިމެނޭ: ވަޒީރު ހީނާ

ޤައުމު ބިނާކުރުމުގެ އެކި އުންސުރުތަކުގެ ތެރޭގައި ޢިލްމީ ބަޙުސްތަކުގެ ޢަލީގައި ހޯދާ އައު ޢިލްމީ ހޯދުންތައް ހިމެނޭކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަންއިން އިންތިޒާމުކޮށްގެން ބޭއްވި ބަހުސް މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދުނިޔޭގައި ކުރިއެރުންތައް ހޯދި ކޮންމެ ގައުމެއްވެސް ކުރިއަރައި ގޮސްފައިވަނީ މިފަދަ ޢިލްމީ ބަހުސްތައް އެބައިމީހުންގެ ތެރޭގައި އާލާކޮށް ފިކުރީ ވިސްނުންތައް ފުޅާކޮށްގެން ކަމަށާއި ގަދީމީ ތާރީޚުގެ ތެރެއަށް ބަލާލި ނަމަވެސް، އޭގެ ހެކި ފެންނަން އެބަހުރި ކަމަށެވެ. މިގޮތުން އެކަމަނާ ވިދާޅުވީ، މަޝްހޫރު ޔޫނާނީ ޙަޟާރަތުގެ (ގްރީކް ސިވިލައިޒޭޝަން) ތެރޭގައި ބޮޑެތި ފަލްސަފާވެރިންނާ ޢިލްމުވެރިން އައިސްފައިވަނީ އާންމުކޮށް ޢިލްމީ ބަހުސްތައް ބާއްވައިގެން ކަމަށާއި، އިސްލާމީ ތާރީޚުގެ ރަން ޒަމާންތަކަށް ބަލާލިއަސް ހަމަ މިފަދައިން ޢިލްމީ ބަހުސްތައް ބާއްވާފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޕިރާޑާއި އެނޫންވެސް ބޭފުޅުންގެ ލިޔުންތަކުން ދިވެހީންގެ ތެރޭގައި ވެސް ޢިލްމީ ފޮތްފޮތް ލިޔެވިފައި ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެވޭލާ ޒަމާނުގެ ގިނަ ކަންކަމުގެ ޚަބަރުތައް ވަނީ މާޒީގެ ތެރެއަށް ގެއްލިފައި ކަމަށެވެ. އެހެން ނަމަވެސް ފަހުގެ ތާރީޚަށް ބަލާއިރު އެކި އެކި ޢިލްމީ ބޭފުޅުންގެ ގެކޮޅުތަކުގައި މިދެންނެވި ފަދައިން ޢިލްމީ ބަހުސްތައް ބާއްވަމުން ގެންގޮސްފައިވާކަން ތާރީޚުން ހާމަވާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ޢިލްމު ފެތުރުއްވުމަށްޓަކައި ފަހުގެ ޒަމާންތަކުގައި އެންމެ ބޮޑު ޚިދުމަތެއް ކުރެއްވި، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ ގެކޮޅުގައި ވެސް ވަރަށް ޢިލްމީ ގުންޒަރެއް އެކުލަވާފައިވާކަން އެނގޭކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޢިލްމީ ރޫޙެއް ދިރުވާ އާލާކުޅައުމަށް އެދުވަސްވަރުގައި އައު ރޫޙަކާ އެކު މަސައްކަތްތައް ފެށިއިރު ވެސް މިފަދަ ޢިލްމީ ބަހުސްތައް ބާއްވަމުންދިޔަ ކަމަށާއި، ސަރުކާރުގެ ރަސްމީ ނައުކޮޅުގައި ބޭއްވުނު ބަހުސްތަކުގެ ޚަބަރަކީ ވެސް ތާރީޚުގެ ތެރެއިން ގިނަ ބަޔަކު ދަންނަ އާންމު ވާހަކައެއް ކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.